ދަރުމެންދުރާ ޑިއޯލް
ދަރުމެންދުރާ ޑިއޯލް (އުފަންވެފައިވަނީ ޑިސެމްބަރު 8، 1935) ގައި އިންޑިޔާގައެވެ. ފުރިހަމަ ނަމަކީ ދަރުމެންދުރާ ކޭވަލް ކްރިޝްނާ ޑިއޯލް އެވެ. ދަރުމެންދުރާ އަކީ މަޝްހޫރު ހިންދީ ފިލްމީ ތަރިއެކެވެ. އިސްކޮޅުގައި 5 ފޫޓް 8 އިންޗި ހުރެއެވެ. ދަރުމެންދުރާ އަކީ އިންޑިޔާގެ ޕަންޖާބުގެ ޕަގްވާރާގެ ދަނޑުވެރި އާއިލާއަކަށް އުފަން މީހެކެވެ. އަސްލު އާއިލާ އަކީ ސިކުންގެ ތެރޭގައި ހިމެނޭ އާއިލާ އެކެވެ.
އަމިއްލަ ދިރި އުޅުން
ދަރުމެންދުރާ ވަނީ ދެކައިވެންޏެއް ކޮށްފައެވެ. ފުރަތަމަ ކައިވެނި ކޮށްފައިވަނީ ޕްރަކާޝް ކޯރު އާއެވެ. އެކައިވެނި ކުރީ ދަރުމެންދުރާ ގެ އުމުރުން އެންމެ 19 އަހަރުގައެވެ. ދެވަނަ ކައިވެނި ފިލްމީ ތަރި ހެމާ މާލިނީ އާއެވެ. ޕްރަކާޝް ކޯރުގެ ފަރާތުން ދަރުމެންދުރާ އަށް ދެކުދިން ލިބިފައިވެއެވެ. އެއީ މިހާރު ހިންދީ ފިލްމީ މަސްރަހުގައި މަޝްހޫރު ސަނީ ޑިއޯލް އަދި ބޮބީ ޑިއޯލް އެވެ. ހެމާ މާލިނީގެ ފަރާތުން ވެސް ދަރުމެންދުރާ އަށް ދެކުދިން ލިބިފައިވެއެވެ. އެއީ ހިންދީ ފިލްމީ ތަރި އީޝާ ޑިއޯލް، އަދި ފިލްމީ އުދަރެހަށް ނިކުތުމަށް ތައްޔާރުވަމުންދާ އަހާނާ ޑިއޯލް އެވެ. ދަރުމެންދުރާގެ ކޮއްކޮ އަޖިތު ޑިއޯލް އަކީ ކުރީގެ ފިލްމީ ޑައިރެކްޓަރެކެވެ. އަޖިތު ޑިއޯލް އަކީ މިހާރުގެ ފިލްމީ ތަރި އަބޭ ޑިއޯލް ގެ ބައްޕަ އެވެ. އެހެންކަމުން އަބޭ ޑިއޯލް އަކީ ދަރުމެންދުރާ އަށް ބޮޑު ބޭބެ ކިޔާ ފަރާތެކެވެ.
ސިޔާސީ ޙަޔާތް
ދަރުމެންދުރާ އަށް ފިލްމީ ދާއިރާއިން ލިބުނު މަގުބޫލު ކަމުގެ ސަބަބުން ސިޔާސީ ދާއިރާއަށް ނިކުތުމުގެ ފުރުޞަތު ލިބުނެވެ. އެގޮތުން ދަރުމެންދުރާ ބައިވެރިވާ ޕާޓީ ބީޖޭޕީގެ ރާޖާސްތާންގެ ބިކަނާރު އަވަށުގެ މެންބަރެއްގެ މަގާމް ދަރުމެންދުރާ ގެންދަނީ ފުރަމުންނެވެ. އެހެންކަމުން ދަރުމެންދުރާ އަކީ އިންޑިޔާގެ ޕާލަމެންޓް މެންބަރުކަން ކުރައްވާފައި ފަރާތެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
ފިލްމީ ހަޔާތް
ދަރުމެންދުރާ ގެ ދިގު ފިލްމީ ހަޔާތުގައި 250 އަށްވުރެ ގިނަ ފިލްމްތަކުގައި ހަރަކާތްތެރި ވެފައި ވެއެވެ. އެންމެ ފުރަތަމަ ދަރުމެންދުރާ ކުޅުނު ފިލްމަކީ 1960 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ އަރުޖުން ހިންގުރާނީގެ ފިލްމް ދިލްބީތޭރޭ ހަމްބީ ތޭރޭ މިފިލްމެވެ. ފިލްމީ މަސްރަހަށް ނިކުތް ދުވަސްވަރު ދަރުމެންދުރާ ފާހަގަވެފައިވަނީ ރޮމެންޓިކް ނުވަތަ ލޯބީގެ ރޯލްތަކަށް ޚާއްޞަ ފިލްމީ ތަރިއެއްގެ ގޮތުގައެވެ.
ދަރުމެންދުރާގެ ފިލްމީ ހަޔާތުގެ ކުރީކޮޅު އޭރުގެ މަޝްހޫރު ވަރަށް ގިން އަންހެން ފިލްމީ ތަރިންނާއެކު ހަރަކާތްތެރި ވެފައި ވެއެވެ. އެގޮތުން ނޫޓާން، މާލާ ސިންހާ، މީނާ ކުމާރީ، ޝާއިރާ ބާނޫ، ފަދަ ތަރިންނާއެކު ފިލްމް ތަކުގައި ދަރުމެންދުރާ ހަރަކާތްތެރި ވެފައިވެއެވެ. ދަރުމެންދުރާގެ އަންހެނުން ހެމާ މާލިނީ އާއެކު 27 އަށްވުރެ ގިނަ ފިލްމް ގައި ހަރަކާތްތެރި ވެފައިވެއެވެ.
ދަރުމެންދުރާގެ ފުރަތަމަ ހިޓް ބޮޑު ފިލްމެއްގެ ގޮތުގައި ފާހަގަވެގެން ދިޔައީ 1966 ވަނަ އަހަރު މީނާ ކުމާރީ އާއެކު ކުޅެފައިވާ ޕޫލް އައުރު ޕައްތަރު އެވެ. 1960 ގެ އަހަރު ތަަކަށްފަހު 1970ގެ އަހަރުތަކުގައި ދަރުމެންދުރާ ފެނިގެންދިޔައީ އެކްޝަން ނުވަތަ ތަޅާފޮޅުންގިނަ މަންޒަރު ހިމެނޭ ފިލްމް ތަކުންނެވެ. އެގޮތުން 1975 ވަނަ އަހަރު އަމީތާބް ބައްޗަން އާއެކު ކުޅެފައިވާ ޝޯލޭ އަކީ ފާހަގަ ކޮށްލެވޭ ފިލްމެކެވެ.
ދަރުމެންދުރާ ކުޅެފައިވާ ފިލްމް ތަކުގެ ތެރެއިން 50 އަށްވުރެ ގިނަ ފިލްމް ހިޓް ވެފައި ވެއެވެ. ދަރުމެންދުރާ އަކީ ތަފާތު ވައްތަރުގެ ފިލްމް ތައް ކުޅެފައިވާ ފަރާތެކެވެ. އަމީތާބް ބައްޗަން ފަދަ އިން އެކްޝަން، ރޮމޭންޓިކް، އާއިލީ ދިރިއުޅުން، އަދި ކޮމެޑީ ފިލްމްތަކުން ދަރުމެންދުރާ ފެނިގެން ގޮސްފައި ވެއެވެ.
ދަރުމެންދުރާ އަށް ފިލްމީ ދާއިރާގައި އެހެން ރިކޯޑެއް ވެސް ލިބިފައި ވެއެވެ. އެއީ ދަރުމެންދުރާގެ ދަރިފުޅު ސަނީ ޑިއޯލް އާއެކު ފިލްމް ތަކުގައި ލީޑް ރޯލް ކުޅެފައިވާ އަންހެން ތަރިންނާއެކު ދަރުމެންދުރާ ވެސް ފިލްމް ތަކުގައި ހަރަކާތްތެރި ވެފައި ވުމެވެ. އެގޮތުން ސްރީދޭވީ، ޖަޔާ ޕްރަދާ، ޕޫނަމް ދިލޯން، ޑިމްޕަލް ކަޕާޑިއާ، އަމްރީތާ ސިންގ، އަދި ކިމީ ކަޓްކަރު ފަދަ ތަރިންނަކީ ދަރުމެންދުރާ އަދި ސަނީ ޑިއޯލް ވެސް ފިލްމްތަކުގައި އެބަޔަކާއެކު ލީޑް ރޯލް ކުޅެފަައިވާ ތަރިންނެވެ.
ދަރުމެންދުރާގެ ފިލްމީ ހަޔާތުގައި އެންމެ ވިދާލި ދުވަސްވަރު ގާތްގަނޑަކަށް 1960ގެ އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ ފިރިހެންވަންތަ 10 މީހުންގެ ތެރޭގައި ހޮވާލެވިގެން އޭނާއަށް ވޯޓްލެވިފައި ވެއެވެ. އަދި މިވޯޓްގެ ނަތީޖާ ނިކުތް އިރު އެންމެ ފިރިހެންވަންތަ 5 މީހުންގެ ތެރޭގައި ދަރުމެންދުރާ ހޮވިގެން ދިޔައެވެ. ހިންދީ ފިލްމް ޕޫލް އޯރު ޕައްތަރު އަށްފަހު ހިންދީ ފިލްމް އިންޑަސްޓްރީގެ ހީމޭން' ގެ ލަގަބު ދަރުމެންދުރާ އަށް ދެވިފައި ވެއެވެ. އަދި ގަރަމް ދަރަމް ގެ ލަގަބު ވެސް ދެވިފައި ވެއެވެ.
ދަރުމެންދުރާގެ ފިލްމީ ހަޔާތުގައި އޭނާގެ ދެފިރިހެންދަރިންނާއެކު އެއް ފިލްމެއްގައި ހަރަކާތްތެރި ވެފައި ވެއެވެ. އެއީ 2007 ވަނަ އަހަރު ނިކުތް އަޕްނޭ އެވެ. މިފިލްމްގައި ދަރުމެންދުރާ ޑިއޯލްގެ އިތުރުން ބޮބީ ޑިއޯލް އަދި ސަނީ ޑިއޯލް ހަރަކާތްތެރިވެފައި ވެއެވެ، މިއީ ހިޓް ފިލްމެކެވެ. ދަރުމެންދުރާ 2007 ގައި ފެނިގެން ގޮސްފައިވަނީ ލައިފް އިން މެޓްރޯ، އަޕްނޭ، އަދި ޖޮނީ ގައްދާރު އާއި އޯމް ޝާންތީ އޯމްގެ ލަވަޔަކުންނެވެ. 2008 ވަނަ އަހަރު ނިކުންނަށް ހުރި ފިލްމް ތަކުގެ ތެރޭގައި ހަރު ޕޯލް، އަދި ނަޓުވަރުލާލު 2 ހިމެނެއެވެ.
ދަރުމެންދުރާ ގެ ފިލްމީ ހަޔާތުގައި 250 އަަށްވުރެ ގިނަ ފިލްމް ތަކުގައި ލީޑް ރޯލް ކުޅެފައި ވެއެވެ. އެހެން ކަމުން ހިންދީ ފިލްމީ ދާއިރާގައި ޖީތަންދުރާ ނެގުމަށްފަހު އެންމެ ގިނަ ފިލްމް ކުޅުމުގެ ޝަރަފް އޮތީ ވެސް ދަރުމެންދުރާ ޑިއޯލް އަށެވެ.
ބުނެވޭގޮތުގައި 1949 ވަނަ އަހަރު ނިކުތް ދިއްލަގީ ބެލުމަށް ސިނަމާއަށް އުމުރުން 14 އަހަރުގައި 14 އަށްވުރެ ގިނަފަހަރު ދަރުމެންދުރާ ޑިއޯލް ގޮސްފައި ވެއެވެ.
ފިލްމް އުފެއްދުން
ދަރުމެންދުރާ ޑިއޯލް ވަނީ ފިލްމް އުފެއްދުމުގެ މަސައްކަތުގައި ވެސް ހަރަކާތްތެރިވެފައެވެ. އެގޮތުން އޭނާގެ ދަރިން ނެރެފައިވަނީ ވެސް އޭނާ އުފެއްދި ފިލްމް ތަކުންނެވެ. އެގޮތުން 1983 ވަނަ އަހަރު ބޭތާބު އިން ސަނީ ޑިއޯލް ފިލްމީ ދާއިރާއަށް ތަޢާރަފް ކުރިއެވެ. އަދި 1995 ވަނަ އަހަރު ބަރުސާތު އިން ބޮބީ ޑިއޯލް ފިލްމީ ދާއިރާއަށް ނެރުނެވެ. އަދި 2005 ވަނަ އަހަރު ސޯޗާ ނަތާ އިން އޭނާގެ ކޮއްކޮގެ ދަރިފުޅު އަބޭ ޑިއޯލް ފިލްމީ ދާއިރާއަށް ނެރުނެވެ.
ލިބިފައިވާ އެވޯޑްތައް
- 1997 - ލައިފްޓައިމް އެޗީވްމަންޓް އެވޯޑް - ފިލްމް ފެއަރ އެވޯޑް
- 2003 - ލައިފްޓައިމް އެޗީވްމަންޓް އެވޯޑް - ސަންސުއި ވިވާރސް ޗޮއިސް މޫވީ އެވޯޑް
- 2004 - ބެސްޓް ކޮންޓްރިބިއުޝަން ޓު އިންޑިއަން ސިނަމާ
- 2005 - ލައިފްޓައިމް އެޗީވްމަންޓް އެވޯޑް - ޒީ ސިނަމާ އެވޯޑް
- 2007 - ލައިފްޓައިމް އެޗީވްމަންޓް އެވޯޑް - ޕޫނާ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް
- 2007 - ލައިފްޓައިމް އެޗީވްމަންޓް އެވޯޑް - އައިފާ އެވޯޑް
- 2008 - އެކްޓަރ ޕާރ އެކްސެލެންސް - މެކްސް ސްޓާރޑަސްޓް އެވޯޑް
- 2008 - ލައިފްޓައިމް އެޗީވްމަންޓް އެވޯޑް - މުމްބާއީ އެކަޑަމީ އޮފް މޫވީ އިމޭޖް އިންޓަނޭޝަނަލް
- ލިވިންގ ލެޖަންޑް އެވޯޑް
- ލައިފްޓައިމް އެޗީވްމަންޓް އެވޯޑް - ޑީބީއާރް އެންޓަޓެއިންމަންޓް